މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލަން ނިންމައިފި ކަމަށް "ވަން" އަށް މުއުތަބަރުކޮށް މައުލޫމާތު ލިބިއްޖެ އެވެ.
މާލޭ ސަރަހައްދުގައި، ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތުން ކާފިއު އިއުލާނުކުރީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ކާފިއުގެ ވަގުތަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 08:00 ގެ ނިޔަލަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ގާނޫނީ ބާރުގެ ދަށުންނެވެ.
މި ގަޑީގައި ކާފިއު އިއުލާނުކުރި ނަމަވެސް، ކާފިއު ނިމޭ ވަގުތާއި އޭގެ ކުރީން އޮންނަ ވަގުތުތަކުގައި އާދަޔާ ހިލާފަށް ގިނައިން މީހުން މަގުތަކަށް ނުކުންނަކަން ފާހަގަވެފައިވާ ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުންނާއި ކަމާ ގުޅޭ ދާއިރާތަކުގެ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން، ކާފިއު އުވާލަން މި ނިންމީ އެހެން ވަގުތުތަކުގައި އާދަޔާ ހިލާފަށް ގިނައިން މީހުން ބޭރަށް ނުކުންނާތީ، ކާފިއު ހިންގުމުގެ ހަގީގީ މަގުސަދު ހާސިލުވަމުން ނުދާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން، ކޮވިޑް 19 ގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒަށް ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އެފަދަ ނިންމުމެއް އަންނަ ނަމަ ކަމާ ބެހޭ ރަސްމީ މުއައްސަސާއިން އެކަން އިއުލާނު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކާފިއު އުވާލާކަން މިއަދުގެ ވަގުތެއްގައި އިއުލާނު ކުރާނެ އެވެ.