މިންހާ ފާއިޒް ރަޝާދު
ކޮވިޑް 19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވާ އިގުތިސޯދީ ކާރިސާގެ ސަބަބުން ބައި ބިލިއަނެއްހާ މީހުން ހާލުގައި ޖެހިދާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ލަފާކޮށްފި އެވެ.
ޔޫއެން އިން މިގޮތަށް ކަންބޮޑުވުން ފާޅުކުރީ، ކޮވިޑުގެ ހާލަތާއި ގުޅިގެން ކުރި ދިރާސާ ރިޕޯޓެއްގަ އެވެ.
ޔޫއެންގެ ރިޕޯޓުގައި ބުނިގޮތުގައި މިއީ ފާއިތުވި 30 އަހަރަށް ބަލާއިރު، ހާލުގައި ޖެހޭ މީހުންގެ އަދަދު މިހާ މައްޗަށް އަރާ ފުރަތަމަ ފަހަރުކަމަށް ވާނެއެވެ. މި ރިޕޯޓު ހަދާފައިވަނީ ލަންޑަނުގެ ކިންގް ކޮލެޖާއި އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީ (އޭއެންޔޫ) ގުޅިގެންނެވެ.
ރިޕޯޓުގައި ވާގޮތުން ކޮވިޑުގެ ސަބަބުން ކުރިމަތިވާ ސިއްހީ ކާރިސާއަށްވުރެ މިބަލިން އިގްތިސޯދަށް ކުރިމަތިވާނެ ހީނަރުކަން މާ ބޮޑު ވާނެއެވެ. ޔޫއެން އިން ފަށާފައިވާ، ޔޫއެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީގައި ހިމެނޭ 2030 އަންނަންވާ އިރަށް "ފަގީރުކަން" ނައްތައިލުމަށް ކުރާ މަސައްކަތަށްވެސް މި ކަމުގެ ސަބަބުން ބޮޑުތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ރިޕޯޓުގައި ބުނީ، ކުރީއްސުރެ ފަގީރުކަމުގައި ދިރިއުޅެމުންދާ މީހުންގެ އަދަދާއި އެކު ކޮވިޑް19ގެ ވަބާ ނިމޭއިރު، ފަގީރުންގެ ޖުމުލަ ދުނިޔޭގެ އާބާދީ ކަމަށްވާ 7.8 ބިލިއަނުގެ ދެބައިކުޅަ އެއްބަޔަށް އަރާނެ ކަމަށެވެ. އޭގެ ތެރެއިން 40 ޕަސެންޓަކީ އީސްޓް އޭޝިއާ އާއި ޕެސިފިކް ގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި ތިން ބައިކުޅަ އެއްބަޔަކީ އެފްރިކާގެ ސަރަހައްދުތަކާއި ސައުތު އޭޝިއާގެ ބައެއް ގައުމުތަކުގެ މީހުން ކަމުގައިވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
ކޮވިޑާއި ގުޅިގެން މުޅި ދުނިޔެ ތަޅުލެވިފައިވާ އިރު، މިއީ މި ފަހުގެ ތާރީހުގައި ދުނިޔެ ދެކޭނެ އެންމެ ބޮޑު ސިއްހީ އަދި އިގުތިސޯދީ ކާރިސާ ކަމަށް ކަމާއި ބެހޭ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މި ކަނުން ދުނިޔެ އަރައިގަތުމަށް އެތައް އަހަރެން ނަގާނެ އެވެ.