އަލީ ޔާމިން
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާއި ގުޅުވައިގެން ސިޔާސީ މަންފާއެއް ހޯދަން ނޫޅުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިލްތިމާސްކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޮސް އަދަނޮމް އިއްޔެ ވިދާޅުވީ، ކޮވިޑް 19އާއި ގުޅުވައިގެން ސިޔާސީ މަންފާއެއް ހޯދަން އުޅުމުގެ ނަތީޖާއަކަށް ވާނީ އެ ބަލީގައި ގިނަ ބަޔަކު މަރުވުން ކަމަށެވެ. އަދި މިއީ ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުން އެއްފަރާތްކޮށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަންވީ ވަގުތުކަމަށާއި، ކޮވިޑް 19އިން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމުގައި ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.
ޑރ. ޓެޑްރޮސް މިހެން ވިދާޅުވެފައިމިވަނީ ޑަބްލިޔުއެޗްއޯއާއި ޗައިނާއާއި ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވެ، ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތަށް ފައިސާ ދޫކުރުމަށް އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްފް ދެކޮޅު ހައްދަވާފައިވާ ވަގުތެއްގަ އެވެ.
ޑރ. ޓެޑްރޮސް ވިދާޅުވީ، މިވަގުތު ޒާތީ ހަސަދައާއި، ރުޅިވެރިކަން އެއް ފަރާތްކުރަން ޖެހޭ ކަމަށެވެ. އަދި އޭނާއަކީ ކަޅު ނަސްލަށް ނިސްބަތްވާ މީހެއްކަމުން ނަސްލީ ތަފާތުކުރުންތަކާއި، މަރުގެ އިންޒާރުތަކާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ހުރިހާ ކަމަކަށްވުރެ މިވަގުތު މުހިންމީ ދުނިޔެ މި ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުން ކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 1.5 މިލިއަނަށްވުރެ މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު، އެ ބަލީގައި ވަނީ 80،000 ވުރެ ގިނަ މީހުން މަރުވެފައެވެ.