ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލޯނު ދޫކުރަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.
އެ ފަރާތްތަކަށް ލޯނު ދޫކުރާއިރު، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
އެސްޑީއެފްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖުގެ ދަށުން "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ލޯނެއް މިއަދު ތައާރަފްކޮށްފައިވާ ކަމަށެވެ.
މިލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތައާރަފްކޮށްފައިވާ ލޯނެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ.
އެސްޑީއެފްސީން ބުނީ، މިލޯނުން ކޯވިޑް-19އާ ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާ ގުޅިގެން މިކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
އެގޮތުން އެލޯނާބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ.