މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި ކޮންމެހެން ދޭންޖެހޭ ހިިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާގޮތަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑް 19 ކޮންޓްރޯލް ކުރުމުގައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.