މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާއި ގުޅިގެން ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އިތުރުން އެ ގައުމުގެ ހަ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާނު ކޮށްފި އެވެ.
ޓޯކިޔޯގައި ކޮވިޑް ފެތުރޭ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ ހަފުތާގައި ހުރި އަދަދު މިހާރު ދެ ގުނަވެ، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،000 އަށް ވުރެ މައްޗަށް ގޮސްފައެވެ.
އެހެންކަމުން ޓޯކިޔޯގައި ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި، މިއަދުން ފެށިގެން އެ ސިޓީ އަދި އޮސާކާ ފަދަ ބޮޑެތި ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާނުކުރީ އެއްމަސްދުވަހުގެ މުއްދަތަށެވެ.
އެހެން ގައުމުތަކާ އަޅާބަލާއިރު، ޖަޕާނުން ކޮވިޑް ގެ ބަލި މީހުން ފެން ނިސްބަތް މަދު ނަމަވެސް، ބަލީގެ އަލާމާތްތައް ނުފެނި ބަލިޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.