ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ބޮރިސްއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

އަލީ ޔާމިން

ކޮވިޑް 19އަށް ފަރުވާ ހޯދަމުން އަންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލު ދެރަވެ އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ)އަށް ބަދަލުކޮށް ފަރުވާދޭން ފަށައިފިއެވެ.

އުމުރުން 55 އަހަރުގެ ބޮރިސް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނީ އިއްޔެއެވެ. ބޮރިސް އެނދުމަތިކޮށްފައިވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވިތާ ދިހަ ދުވަސް ފަހުން ބަލީގެ އަލާމާތްތައް މާބޮޑަށް ފެންނާތީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލުގައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު ވެސް ބޮރިސް ވަނީ ގޭގައި ހުންނަވައިގެން ވީޑިއޯ ކޯލު މެދުވެރިކުރައްވައި ގައުމު ހިންގެވުމުގެ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގައުމާ މުހާތަބު ކުރައްވާފައިވާ އިރު، ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ބޮރިސް ވިދާޅުވީ ހަށިކޮޅުން އަދިވެސް ކޮވިޑުގެ އަލާމާތްތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

ބޮރިސް ޖޯންސަން އައިސީޔޫއަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު އިތުރަށް ހާލު ސީރިއަސްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލުދެރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރު ވަގުތީގޮތުން ހިންގުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބްއާ މިހާރު ވަނީ ހަވާލުކުރައްވައިފައެވެ.