ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކަމަށާއި، މިހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ މުއްދަތު އޮތީ މާކުރިން ކަނޑައަޅާފައި ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އިސްލާހު ނުކޮށްފި ނަމަ ތިނެއް ޖޫންގެ ފަހުން ކައުންސިލްތައް ދެމި ނޯންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ނުކުރައްވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް ވެސް އެ ޓުވީޓުގައި އޭޖީ ވިދާޅުވިއެވެ.
މި މަހު ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލްގެ އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވޭ ގޮތް ނުވުމުން، މި އިންތިހާބު އަލުން ބޭއްވުމާ ގުޅޭ ސަންސެޓް ގާނޫނެއް އޭޖީ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. އަދި ހަމަ އެހެންމެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން، މިހާރު ތިއްބެވި ކައުންސެލަރުންގެ މަގާމުގެ މުއްދަތު ދެމިއޮންނަ ގޮތް ހެދުމަށް މެންބަރަކު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައި މިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރަން އޮތް ކުއްލި ނުރައްކަލުުގެ ހާލަތު ނޫން ކަމަށާއި، ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ވެސް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފައެވެ.