ކުއްލި ޚަބަރު

ރައީސުލް ޖުމްހޫރިއްޔާ ކުއްލިނުރައްކަލުުގެ ހާލަތު އިއުލާންނުކުރާނަމަ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ: ފިލްޒާ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައި މިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރަން އޮތް ކުއްލި ނުރައްކަލުުގެ ހާލަތު ނޫން ކަމަށާއި، ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފިއެވެ.

ކައުސެލް ޖެނެރަލް މަޖިލީހުގެ ރައީސަށް މިގޮތަށް ލަފާ ދެއްވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރާއިރު، މިހާރު ތިބި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ކޮވިޑް 19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ، އާއްމު ސިއްހަތުގެ ކުއްލި ހާލަތު، ގާނޫނޫއަަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނާ ހާލަތަށް ފެތޭތޯ ބެލުމަށް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސާ ގުޅިގެން މަޖިލިސް ރައީސް ގާނޫނީ ލަފައަކަށް އެދިވަޑައިގަތުމުންނެވެ.

ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ.

ކައުންސެލް ޖެނެރަލް މަޖިލީހުގެ ރައީސަށް ދެއްވި ލަފާގައި ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ.

އަދި ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓާ ޖެނެރަލަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމަށް، ނުވަތަ އެކަން ހިފެހެއްޓުމަށް، ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމަށް، ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމުގެ އިއުލާނުކޮށް، އެ އިއުލާނު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެކަމަށްވެސް ބުނެފައިވެއެވެ.

އެއާ ހިލާފަށް ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނަނީ، ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީ ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން އިއުލާނު ކުރެވޭ އަދި ދެމެހެއްޓޭ ހާލަތެއްކަން ވެސް ކައުންސެލް ޖެނެރަލްގެ ލަފާގައި ބުނެފައިވެއެވެ.

އަދި ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ލިބިފައި ވަނީ ދައުލަތުގެ އެންމެ އިސް ފަރާތާއޮ، ސަރުކާރުގެ އިސްފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެސް ގާނޫނީ ލަފާގައި ފާހަގަ ކުރައްވާފައިވެއެވެ

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމަށްފަހު، ރައީސް ނެރުއްވާ ގަރާރަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށްވެސް ލަފާގައި ބުނެފައިވެއެވެ.

އަދި ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރަކުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަން ސާފުކޮށް އެނގޭ ކަމަށްވެސް ލަފާގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ނުކުތާތަކަށް ރިއާޔަތް ކުރާއިރު ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ކައުންސެލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައިވެއެވެ.