މެލޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް މިއަދު އޮންލައިންކޮށް ޓިކެޓު ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު 17:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ އެޕް ނުވަތަ މޯލްޑިވިއަންގެ ސައިޓު މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށް ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވިއެވެ.
މެލޭޝިއާއިން ރާއްޖެއަށް އަންނަ ފްލައިޓު އައުމަށް ހަމަޖައްސާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު ހައެއް ޖަހާއިރު ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. އެދުވަހު މެލޭޝިއާއިން ބޯޓު ފުރާ ގަޑިޔަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
ޓިކެޓު ވިއްކާނެ އަގެއް މޯލްޑިވިއަން އިން އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު ހަވީރު ފަހެއްގެ ކުރިން ޓިކެޓު ވިއްކާނެ އަގު އާންމު ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.