ކުއްލި ޚަބަރު

ރައީސް މައުމޫންގެ ކޮއްކޯފުޅު، މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެ

އައިދާ އަބްދުލް ހަކީމް

ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް،ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައިތާފުޅު މޫމިނާ އަބްދުލް ގައްޔޫމް އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.

މޫމިނާ އަކީ ރައީސް މައުމޫނުގެ އެއްބަނޑު އެއްބަފާފުޅު އަދި ރައީސް ޔާމީންގެ ދައިތާފުޅެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމާފުޅުވެސް މެއެވެ.

އެކަމަނާ އަކީ ގަލޮޅު އަވަށުއޮފީސް ހިންގެވުމުގައި ވަރަށް ހަރަކާތްތެރިކޮށް، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހި ބަހާއި އަދަބަށް ވެސް ގިނަގުނަ ހިދުމަތްތަކެއް މޫމިނާ ކުރެއްވި އެވެ.

އެކަމަނާއާ ގުޅޭގޮތުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާ ގައުމީ އަރުޝީފްގެ އިސްވެރިޔާ އަދި ދިވެހި ބަހުގެ އަދީބު، މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) ވިދާޅުވީ އެކަމަނާ އަކީ އިޖުތިމާއި ހިދުމަތްތެރިޔެއް ކަމަށެވެ. އެގޮތުން ގަލޮޅު މަދަރުސާގެ މަސައްކަތް އަދި ގަލޮޅުގައި ބާއްވާ އެކި އެކި ހަރަކާތްތަކުގައި އިސް ދައުރެއް އަދާ ކުރެއްވި ކަމަށެވެ.