އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން މިހާރު އިއުލާން ކޮށްފައި މިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަކީ، ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް، އޭގައި ބުނެފައިވާ ހާލަތުތޯ، ބެލުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި އެ ހުށަހެޅުއްވުން ހުށަހަޅުއްވަމުން އާމިރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ހައްގުތައް ހިފެހެއްޓޭ ގޮތަށް، އިއުލާންކުރެވޭނެ ހާލަތެއްތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިހާލަތުގައި ހުށަހަޅާފައިވާ މައްސަލައަކީ، ހުސްއެކަނި މަޖިލީހުން އެކަަމަށް ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި މުޅި ދައުލަތް ހިމެނޭ ގޮތަށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ހިމެނޭ ކަންތައްތަަކަށް ބަލާއިރު، މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމަށާއި، އަދި އަނެއް ބައި ކަންތައްތަކަށް ބަލާއިރު އިސްލާހު ގެނެވޭނެ ކަމަށް ބުނެވިދާނެކަން ވެސް އޭނާ ފާހަަގަ ކުރެއްވިއެވެ.
އާމިރު ވިދާޅުވީ، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށެވެ. އަދި 253 ވަނަ މާއްދާއިން ފެށިގެން 259 ވަނަ މާއްދާއާއި ހަމަޔަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ކަންތައްތައް ކުރިއަށްދާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މިފަދަ މައްސަލައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ހިސާބަށް ޖެހިލުމަކީ ލަދުވެތިވާންވީ ކަމެއްނޫން ކަމަށެވެ. އެ މާއްދާގައި ބުނަނީ މިފަދަ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ފަރާތުގެ ވާހަކަ ކަމަށެވެ.
ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
އާމިރު ވިދާޅުވީ މިފަދަ ކަންކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ހޯދުމަށް ގާނޫނުއަސާސީގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅުމަށް އޭނާ މަޖިލީހަށް ހުށަހެޅުއްވިއެވެ.
އާމިރު މި ހުށަހެޅުއްވި ގޮތަށް އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ތާއީދުކޮށް އެހެން ބައެއް މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު، ހުސެއިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވައެވެ.