ކުއްލި ޚަބަރު

ކޮވިޑް 19 : ދުވާލަކު 300 ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގައި އިތުރު މެޝިނެއް ބަހައްޓަނީ

މަރިޔަމް ޝަހުދާ

24 ގަޑި އިރު ތެރޭ ކޮވިޑް 19ގެ 300 ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގައި އިތުރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކޮވިޑް 19 ޓެސްޓު ކިޓުތަކެއް ހަވާލު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމު މިއަދު ވިދާޅުވީ މިހާރު އައިޖީއެމްއެޗުން 24 ގަޑިއިރު ތެރޭ ކުރެވެނީ 200 ޓެސްޓު ކަމަށެވެ.

ސަލީމު ވިދާޅުވީ އައިޖީއެމްއެޗްގެ ލެބޯޓްރީ ކެޕޭސިޓީ 24 ގަޑިއިރު 200 ޓެސްޓުން 300 ޓެސްޓަށް އިތުރު ކުރުމަށް ކުރިއަށް އޮތް ދެތިން ދުވަހު ތެރޭ ތިން ވަނަ މެޝިނެއް ބަހައްޓާނެ ކަމަށެވެ.

މިހާތަނަށް އައިޖީއެމްއެޗްގައި 1،750 ޓެސްޓު ކޮށްފައިވާ ކަމަށް ސަލީމު ވިދާޅުވިއެވެ. އަދި އިތުރު ޓެސްޓުތައް ލިބެމުން އަންނަ ވަރަކަށް ޓެސްޓު ކުރަމުންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީތަކުން ދޫކުރާ މީހުންވެސް ދޫކުރާނީ ކޮވިޑަށް ޓެސްޓު ކުރުމަށް ފަހު ކަމަށް ސަލީމު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ޓެކްނީޝަނުން ހުއްޓުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ޓެސްޓު ތަކުގެ ނަތީޖާ ވީހާވެސް އަވަހަކަށް ގެނެސްދިނުމަށް ކަމަށް ސަލީމު ވިދާޅުވިއެވެ.