ކުއްލި ޚަބަރު

މިވަގުތު ގާނޫނުއަސާސީގައި އަތްލުމަކީ ރަނގަޅުކަމެއް ނޫން: އަލީ އާޒިމް

އިބްރާހިމް ޒަކީ

ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މިވަގުތު ގާނޫނުއަސާސީގައި އަތްލުމަކީ ރަނގަޅުކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނުވާނެ ކަމަށް، ބުނެފައިވާ ހާލަތުތޯ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ގައުމަށް މިއޮތީ ހާއްސަ ހާލަތެއް ދިމާވެފައި ކަމަށެވެ.

އެގޮތުން މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި އެބާރުގެ ދަށުން، މީހުުން ބޭރަށް ނުކުތުން މަނާކޮށް ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ލިބިދޭ ކަަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން މި ހާއްސަ ހާލަތުގައި ގާނޫނުއަސާސީއާ ކުޅެފިނަމަ އެ ގާއިިމުކުރެވުނީ ޕްރިޒީޑެންޓެއް ކަމަށާއި، އެހެންވެއްޖެނަމަ ދެން ދިމާވާ މިފަދަ ހާލަތެއްގައި ހުދުމުހުތާރު، ނުބައި މީހަކު ވެރިކަމުގައި ހުންނަ ދަނޑިވަޅެއްގައި ވެރިކަމުގެ ދައުރު ބަދަލުކޮށް، ރައްޔިތުންގެ މަޖިލިސް އުވާލައި ގާނޫނީ އެތައް ބާރުތަކެއްް އަތްމައްޗަށް ނަގައިފާނެ ކަަމަށް އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ، ގައުމަށް މިއޮތީ ހާއްސަ ހާލަތެއް ކުރިމަތިވެފައި ކަމަށާއި، މަޖިލިސް މެންބަރުން ޖަލްސާތައް ކުރިއަށްގެންދާނީ އާއްމު ހާލަތުން ނެއްޓި ހާއްސަ ހާލަތެއްގައި ތިއްބަވައިގެން ކަަމަށެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނުއަސާސީއާ ކުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އަދި މިއީ އުނދަގޫ ދަނޑީވަޅެއްް ކަމަށާއި، އާއްމު ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ދިރިއުޅުމުގެ ހާލަތު އާއްމު ހާލަަތަށް އައިސްގެން ގާނޫއަސާސީގައި އަތްލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.