ކޮވިޑް 19އަށް ޓެސްޓު ކުރެވޭ އިތުރު 5000 ކިޓު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޓެސްޓު ކިޓުތަކާއި ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. މި ޓެސްޓު ކިޓުތައް މިނިސްޓަރު އަމީން އާއި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެސެންޓޭޓިވް ޑރ.އަރްވިންދް މާތޫރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް އައި އިރު ރާއްޖެއިން އެކަނި 1500 އަށްވުރެ ގިނަ ޓެސްޓު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި ބަލި އަދިވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބައްޔާ ގުޅޭ އެއްވެސް ކަމެއް ލުއިކޮށް ނެގެން ނެތް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި މި ބަލި ފެތުރިއްޖެ ހާލަތެއްގައި ރާއްޖެއަށް އެންމެ ބޭނުންވާނީ މި ބައްޔަށް ޓެސްޓު ކުރެވޭނެ ގޮތެއް ކަމަށް ބަލައިގެން އެކަމަށް ސަރުކާރުން ތައްޔާރު ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަމަށް ހަރަދުކޮށްގެން އައިޖީއެމްއެޗްގައި މިކަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި މި ބައްޔަށް ޓެސްޓު ކުރުމުގެ ގާބިލުކަން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަން ލިބޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ކޮވިޑް 19ގެ ހާލަތު ކޮންޓްރޯލު ކުރުމަށް ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ބަަލައިގަނެ ޑރ. އަރްވިންދް ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ މަސައްކަތް ރަނގަޅު ކަމަށެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯ އިން ވަނީ ދެފަހަރެއްގެ މަތިން 6،000 ޓެސްޓު ކިޓު ރާއްޖެއަށް ހަވާލުކޮށްފައެވެ. މިއަދު ރާއްޖެއަށް ހަދިޔާކުރި 5،000 ޓެސްޓު ކިޓާއެކު މިހާރު ޖުމުލަ 11،000 ޓެސްޓު ކިޓު ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.