އިބްރާހިމް ޒަކީ
ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި، ގައުމު މިހާރު މިއޮތީ، ގާނޫނުއަސާސީގައި އެބުނާ ކުއްލި ނުރައްކަލުގެ ހާލަތުގައިތޯ، ރައްޔިތުންގެ މަޖިލީހުގެ ވިސްނުމުގައި ބަހައްްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ގަނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލަށް ބަހުސް ކުރުމުުގެ ކުރިން، މިހާލަތަކީ ގާނޫނުއަސާގެ 267 ވަނަ މާއްދާގައި ބުނެފައިވާ ހާލަތޯ ކަނޑައެޅުމުގެ ބަހުސަށް ހުޅުވައިލައްވަމުންނެވެ.
ގާނުނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުުގެ ހާލަތު އިއުލާނު ކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ.
އަދި ގާނޫއަސާސީގެ 253 ވަނަ މާއްދާގައި ބުނަނީ، "ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދަނެ ފަދަ ކަމެއް، ކުރިމަތިވެއްޖެނަމަ ނުވަތަ، ބޭރުގެ ހަމަލައެެއް ކުރިމަތިވެއްޖެ ކަމުގެ ބިރު ހީވެއްޖެނަމަ ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި، ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ،" ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި މިގޮތަށް ކަނޑައަޅާފައި އޮތްއިރު، މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެކަމާމެދު ސުވާލު އުފެދޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެކަމަށެވެ.
ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވަނީ 7/2012 ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ޤާނޫނުއަސާސީ ކިޔާލުމުން ކުއްލި ނުރައްކަލަކީ ހާލަތެއްކަން ސާފުވާކަމަށެވެ. އަދި މިހާރު މިއޮތް ހާލަތަކީ އެފަދަ ހާލަތެއް ކަމަށާއި، މިހާލަތުގެ ހުރިހާކަމަކުން އެކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މަޖިލިސް ރައީސް ވިދާޅުވީ ހަމައެކަނި ތަފާތަކީ ކުއްލި ނުރައްކަލުގެ ހާލުގެ ދަށުން ބާރުތައް ހިފޭއްޓުމުގެ ބާރު ރައީސްއަށް ލިބިފައި އޮތް ނަމަވެސް އެފަދަ އެއްވެސް ބާރެއް ރައީސް ހިފަހައްޓަވާފައި ނުވާ ކަމަށެވެ.
އަދި މިހާރު ރާއްޖޭގައި އިއުލާންކޮށްފައިމިއޮތް ގާނޫނީ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭ ކަމަށާއި މިއީކޮން ހާލަތެއްތޯ މެންބަރުން ދެނެގަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.