މޯލްޑިވިއަން

ލަންކާގައި ތިބި ދިވެހީން ގެންނަ ޗާޓަރު ފްލައިޓްތަކުން ދަތުރުކުރުމަށް ދައްކަން ޖެހޭނީ 300 ޑޮލަރު

ލަންކާގައި ތިބި ދިވެހިން ގެންނަ ފްލައިޓުތަކުން ދަތުރު ކުރުމަށް ނަގާނީ 300 ޑޮލަރު ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަންގެ އޮފޝަލަކު ވަނީ ވަން އޮންލައިން އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ކޮވިޑް 19ގެ ސަބަބުން ލަންކާ ލޮކްޑައުން ކޮށްފައިވާއިރު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި ދިވެހި އާއިލާތައް ވަނީ ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފަ އެވެ. އޭގެ ތެރޭގައި ޗުއްޓީއަށް ދިޔަ މީހުންނާއި ބޭސްފަރުވާއަށް އަދި އެނޫން ބޭނުން ތަކަށް ދިޔަ މީހުންވެސް ހިމެނެ އެވެ.

ދިވެހީން ގިނަ އަދަދަކަށް ތިބި އެތައް ގައުމެއް މިހާލަތުގައި ލޮކްޑައުން ކޮށްފައި ވާތީ، އެ ގައުމުތަކުގައި ތިބި ދިވެހީން އަނބުރާ ރާއްޖެއަށް ގެނައުން ވަނީ ދިވެހިރާއްޖެއަށް ވެސް އުނދަގޫ ކަމަކަށް ވެފަ އެވެ. އެހެން ނަމަވެސް ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަދައްކައިގެން ހުއްދަތައް ލިބޭ މިންވަރަކުން އެ ގައުމުތަކުގައި ތިބި ދިވެހީން ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން ލަންކާގެ ކޮލަމްބޯއިން ރާއްޖެ އައުމަށް ހަމަޖައްސާފައިވާ ދެ ފްލައިޓުވެސް ރާއްޖެ އައުމަށް ހަމަޖައްސާފައިވަނީ މިއަދު އެވެ. އައި އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް އައުމަށް ހަމަޖައްސާފައިވާ ފްލައިޓް ރާއްޖެ އަންނާނީ މާދަމާ ކަމަށް މޯލްޑިވިއަނުން އިއްޔެ ބުނެފައި ވެއެވެ.