އިންޑިއާގެ އަވަށަކަށް އުފަންވި އެއްމާބަނޑު ދެބެއިންނަށް "ކޮރޯނާ" އަދި "ކޮވިޑް"ގެ ނަމުން ނަންދީފި އެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެކުދިންނަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ރައިޕޫރުގެ ހޮސްޕިޓަލަކަށް އުފަންވި ދެކުދިންނެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އެދެކުދިންގެ މަންމަ، ޕްރީތީ ވަރުމާ ބުނީ "އަހަރެން ދެކޭ ގޮތުގައި އެ ނަންތައް ރަމްޒު ކޮށްދެނީ މުސީބާތްތަކުގައި ލިބޭ އުފާވެރިކަން ނުވަތަ ކާމިޔާބު،" ކަމަށެވެ.
ވަރުމާގެ ދެމަފިރިން ބުނީ ކޮވިޑް 19 ވައިރަހަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެނގޭ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ގިނަބަޔަކަށް ރަނގަޅު އާދަތައް ދަސްކޮށްދީފި ކަމަށެވެ. އަދި ދެ ޖިންސުގެ ދެކުދިންނަށް އެ ނަންތައް ކީ އެ ސަބަބާ ހެދި ކަމަށް އެމީހުން ބުނެއެވެ.
ވަރުމާގެ ދެމަފިރިން މީޑިއާއަށް ކިޔައިދިން ގޮތުގައި، ޕްރީތީ ކުއްލިއަކަށް ދަންވަރު ބަނޑުގައި ރިއްސަން ފެށުމުން، އިންޑިއާ ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން އެމްބިއުލަންސެއް ލިބުނީ ވަރަށް އުނދަގުލުންނެވެ. އަދި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، ވަރަށް ގިނަ ފުލުހުން މަގުމަތިން ހުއްޓުވި ކަމަށް ވެސް އެދެމަފިރިން ބުންޏެވެ.
އެހެންނަމަވެސް ޕްރީތީގެ ހާލަތު ފެނިފައި، ދޫކޮށްލީ ކަމަށާއި ހޮސްޕިޓަލަށް ފޯރިއިރު، ޕްރީތީ ހުރީ ވަރަށް ހާސްވެފައި ކަމަށާއި، ނަމަވެސް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ވަރަށް ރަނގަޅަށް ހިދުމަތް ފޯރުކޮށްދިން ކަމަށެވެ.
އެދެމީހުން ބުނީ ކޮވިޑް 19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވުމުގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައިވާތީ، އެމީހުންގެ އާއިލާގެ މީހުންނަށް ޒިޔާރާތްކުރަން ވެސް ނުދެވުނު ކަމަށެވެ. “ކޮރޯނާ” އަދި “ކޮވިޑް”ގެ ނަމުން ނަން ދިިން ނަމަވެސް ފަހުން އެދެކުދިންގެ ނަން ބަދަލު ކުރަން ވެސް ޖެހިދާނެ ކަމަށް އެދެމަފިރިން ބުންޏެވެ.