ކުއްލި ޚަބަރު

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު އޭޕްރީލް 11 އަށް އިތުރު ކޮށްފި

މަރިޔަމް ޝަހުދާ

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު އޭޕްރީލް 11 އަށް އިތުރު ކޮށްފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ނިންމުމަކީ ކޮވިޑް 19 ރާއްޖެއަށް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެޅުމަށް ނިންމި ފިޔަވަޅެއް ކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓުވާފައި އޮތް އޮތުން މިއަދާއި ހަމައަށް އިތުރު ކޮށްފައެވެ. އަދި މި މުއްދަތު ހަމަވުމުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭޕްރީލް 11 ވާ ދުވަހު އަސްރު ނަމާދުގެ ނިޔަލަށް މި ނިންމުން ދެމި އޮންނާނެ ކަމަށެވެ.

މިހާލަތުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ބަންގީގެ ފަހުގައި ދެފަހަރަށް ގޮވުމަށް މިނިސްޓްރީން އަންގާފައިވެއެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރި ނަމަވެސް ބަރާބަރަށް ފަރުޟު ފަސްނަމާދު ކުރުމާއި ސުންނަތް ނަމާދު ގިނަކޮށް ގިނަ ގިނައިން ދުއާކޮށް ސިއްހީ ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުންދޭ އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.