ޕާކުތަކަށް ދިއުމާއި މޫދަށް އެރުން އަދި މަސްދަތުރު ދިއުން ކ. މާފުށީގައި މަނާކޮށްފި އެވެ.
މާފުށީ ކައުންސިލް އިދާރާއިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މި ނިންމުމަކީ މިއަދުން ފެށިގެން 14 އޭޕްރީލްގެ ނިޔަލަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައިވެސް ކޮވިޑް 19ގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ބުނެފައިވާތީ ކަމަށް މާފުށި ކައުންސިލުން ބުނެއެވެ.
އެގޮތުން "މާފުށީ ކޮވިޑް 19 ޓާސްކް ފޯސް" އިން ވަނީ ކުރުން މަނާ ކަންކަމުގެ ގޮތުގައި ފަސް ކަމެއް ނިންމާފައި ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. އެއީ ޕާކުތަކަށް ދިއުމާއި މޫދަށް އެރުން އަދި މަސްދަތުރު ދިއުމުގެ އިތުރުން މާފުށީ ފުޓްސަލް ދަނޑާއި ބޯޅަ ދަނޑުގައި ކުޅުމާއި ގެއިން ބޭރުގައި ގްރޫޕު ކެއުން ބޭއްވުމާއި ބާބަކިއު ހެދުމެވެ.
މާފުށީ ކައުންސިލުން ވަނީ އެ ރަށުގެ އެންމެންވެސް ރައްކާތެރިކަމުގެ ގޮތުން ފަރުދީ ޒިންމާ އަދާކޮށް މި އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މި އެންގުމާއި ހިލާފުވާ މީހުނަށް ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.