ކުއްލި ޚަބަރު

ފިޔާ، އަލުވި އަދި ބިހުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފި، އަގުބޮޑުކޮށް ވިއްކާނަމަ އެއްލައްކައާއި ހަމަޔަށް ޖޫރިމަނާކުރަނީ

މަރިޔަމް ޝަހުދާ

4

އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ތަކެތީގެ އަގު ސަރުކާރުން ކޮންޓްރޯލުކޮށް އެތަކެތި އަގުބޮޑުކޮށް ވިއްކާނަމަ އެއްލައްކަ އާއި ހަމަޔަށް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.

މި ކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު)ގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިގުތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައި މިމަހުގެ ހަވަނަ ދުވަހުން ފެށިގެން، ބައެއް ބާވަތްތައް ވަކިވަކިން (ރީޓެއިލް) ކޮށް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެކަން އާންމުކޮށް އަންގާ ކަމަށެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވިއްކޭނެ އެންމެ މަތީ އަގު: 1 ކިލޯގްރާމް އާދައިގެ ރަތް ފިޔާ 20 ރުފިޔާ 1 ކިލޯގްރާމް އާދައިގެ އަލުވި 20 ރުފިޔާ 1 ކިލޯގްރާމް ރީނދޫ މުގު 45 ރުފިޔާ 1 ހުދު ކުކުޅު ބިސް 1.80 ރުފިޔާ

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަގުތައް ހަފުތާއަކު އެއްފަހަރު މުރާޖައާ ކުރާނެ ކަމަށެވެ.

އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް މި އިއުލާނުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން އިތުރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟