ޝަހީދާ އަބްދުﷲ ސައީދު
ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކޮމިޝަން އުފައްދަން ޖެހުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތައް ނުބެލޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މައްސަލަތައް ނުބެލޭތީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ވަކި ކޮމިޝަނެއް އުފައްދަން ޖެހުނީ ކަމަށާއި އެމައްސަލަތައް ބެލޭނަމަ ވަކި ކޮމިޝަނެއް ހަދަން ނުޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ބައެއް ކޮމިޝަންތަކަށް މީހުން ހާޒިރުކޮށްގެން މައްސަލަތައް ބަލަމުން އަންނަ އިރު ގާނޫނަކުން އުފައްދާފައިވާ ކޮމިޝަނެއް ކަމަށްވާ އޭސީސީއަށް މީހުން ހާޒިރުކޮށްގެން މައްސަލަތައް ބެލުމުގެ ބާރު ދީފައި ނުވާކަމަށެވެ.
އެހެންކަމުން އޭސީސީން މައްސަލަތައް ނުބަލާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަން ވާނީ އެކޮމިޝަނަށް ވެސް އެފަދަ ބާރުތައް ދިނުމަށްފަހު ކަމަށް ސަލީމު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އިދާރާތައް ކަނޑައަޅައި އެކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ވަކި ކޮމިޝަނެއް ހަދައި ވަކި ތާރީޚެއްގައި ހިނގާފައިވާ މައްސަލަތައް ބެލުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އަދި އެކޮމިޝަނުން 2012 ގެ ކުރިން ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބަލަންޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮމިޝަނުން ބަލާ ކޮންމެ މައްސަލައެއް ރިޕޯޓެއްގެ ސިފައިގައި ތައްޔާރުކޮށް މީޑިއާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ގިނަ މައްސަލަތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކޮށްފައިވާނެ ކަމަށާއި އެކޮމިޝަނަކީ މީޑިއާއާ އެންމެ ގާތުން މަސައްކަތް ކުރާ ކޮމިޝަން ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.