މިންހާ ފާއިޒް ރަޝާދު
ނޭވާލާ ވައިގެ ޒަރީއާއިން ވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެން ކަމުން ކޮވިޑް 19އިން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ފޮތި މާސް އަޅަން ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވައިފި އެވެ.
ޑރ މުހައްމަދު އަލީ މި ގޮތަށް އިރުޝާދު ދެއްވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
އޭނާގެ ޓުވީޓުގައި ވިދާޅުވީ ކޮވިޑް19 ޖައްސާ ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ ހަމަ އެކަނި "ޑްރޮޕްލެޓްސް"އިން ނޫން ކަމަށާއި އަޅުގަނޑުމެން ބޭރަށް ލާ ނޭވާއާއި އެކުވެސް އެ ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާ ދިރާސާއަކުން ދައްކައިފި ކަމަށެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ކޮވިޑަކީ19 އަކީ "އެއާބޯން" ނުވަތަ ވައިގެ ތެރޭން ފެތުރޭ ބައްޔެއްކަން އެނގިފައި ނުވާ ކަމަށެވެ. އެބަލި ޖެހެނީ، ބަލި ޖެހިފައި ހުރި މީހަކު ކެއްސައި، ކިނބިހި އަޅައި ނުވަތަ ވާހަކަ ދައްކާއިރު ބޭރުވާ ކުޅުގައި ހުންނަ ޖަރާސީމުން ކަމަށެވެ. އެހެން ނަމަވެސް ނޭވާލާއިރު ބޭރުވާ ވައިން މި ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ހާމަކުރި މިއީ ފުރަތަމަ ދިރާސާ އެވެ.
ޑރ. މުހައްމަދު އަލީގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ މި ބައްޔަކީ މުޅިން އާ ބައްޔެއް ކަމަށާއި އާ މައުލޫމާތު އަބަދުވެސް އަންނަނީ ލިބެމުންނެވެ. އެމެރިކާއަށް ބަލި ފެތުރުމާއި ގުޅިގެން އެމީހުން ކުރާ ދިރާސާތައް އިތުރުކޮށްފައިވުމުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާނެ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ބަލިން ރައްކާތެރި ވުމަށް ފޮތި މާސްކުން ނޭފަތާއި އަނގަ ބަންދުކުރެވިދާނެ ކަމަށް ޑޮކްޓަރު ލަފާދެއްވިއެވެ. އަދި ފޮތި މާސްކު ހަދާނެ ގޮތްވެސް ކިޔައިދެއްވައިފައި ވެއެވެ.
ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ އިތުރު ހެކިތައް އަންނަންދެން އެގޮތަށް އަމަލު ކުރައްވަން އެދޭ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ދިވެހި ބައެއް ޑޮކްޓަރުން ވަން އަށް ވިދާޅުވީ ފޮތި މާސްކަކީ ވެސް މުޅީން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރުމަށާއި އެހެން ނަމަވެސް އެއްވެސް ހުރަހެއް ނެތުމަށް ވުރެ ލިބޭ ރައްކާތެރިކަން ފޮތިމާސްކް އުޅުމުން ބޮޑު ވާނެ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ރައްކާތެރި ފިޔަވަޅަކީ އިޖުތިމާއީ ގައިދުރުކަން ކަމަށާއި ވީހާވެސް ގިނައިން ގޭގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.
"ތިމާއަށް ކޮވިޑް ޖެހެން އޮތީ އަނގަޔާއި ނޭފަތް ފަދަ ޒަރީއާއިން ކަމަށް ވާތީ އެބައި ނިވާކުރަން ފޮތި މާސްކް އެޅިޔަސް، އެ އަޅައިގެން ބޭރުގައި އުޅޭ ނަމަ ގެޔަށް އަންނަ އިރު އަތުގައި ވެސް ގައިގައި ވެސް، ނޫނީ ބޭރަށް ގެންދިޔަ އެހެން އެއްޗެއްގެ އެހީގައިވެސް މި ވައިރަސް ގެޔަށް ގެނެވިދާނެ. ގޭގައި އެވަގުތު އެންމެ ތިބޭނީ މާސްކެއް އަޅައިގެނެއް ނޫން ދެއްތޯ؟ އެހެންވީމަ އެ އެންމެން އެ ހުށަހެޅުނީ ކޮވިޑުގެ ނުރައްކަލަށް. ބޭރުން ތިމާއާއި ބައްދަލުވާ މީހުން ތިބި ހާލެއް އެއްވެސް މީހަކަށް ނޭނގޭނެ. ބައްދަލުވާ މީހުންގެ ތެރެއިން އެންމެ ގާތް މީހާގެ ގައިގައިވެސް މި ވައިރަސް ހުރުމަކީ ފުރުސަތު ނެތް ކަމެއް ނޫން. އެހެންވީމަ ފޮތި މާސްކެއް އެޅިޔަސް އެންމެ ރަނގަޅު ގޮތަކީ އެހެން ގޮތެއް ނެތިގެން ނޫނީ ގޭގައި ތިބުން." ވަން އާ ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.