ދާއިމީ ބައްޔަށް ރާއްޖޭން ބޭރުން ގެންނަންޖެހޭ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނެވޭނެ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ރާއްޖޭން ނުލިބޭ ބޭސްތައް ލިބުމުގެ އިންތިޒާމު އެސްޓީއޯގެ ހެންވޭރު ފާމަސީން ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން ބޭސް ސިޓީ ހިފައިގެން ދިއުމުން އެ ބޭސް ހޯދައިދިނުމުގެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.
"ބޭސް ސިޓީ ހިފައިގެން ވަޑައިގަތީމަ އެބޭފުޅުން އޭގެ އިންތިޒާމުތައް ރާވައިދޭނެ. އެބޭފުޅުން އެ ބައްލަވަނީ އެ ގެނެވޭނެ އަގަކާއި އެއްޗެހި. އެއީ އާސަންދައިން ނުވަތަ އެންސްޕާއިން ކަވާ ކުރައްވާ އެއްޗެއް ކަމަށް ވަންޏާމުން އާދަންސައިން ނުވަތަ އެންސްޕާއިން ކޯޓޭޝަން ހޯދައިގެން އެސްޓީއޯގެ ފާމަސީއަށް ދިއުމުން އެކަން ކޮށްދޭ ގޮތަށް އޮތީ،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހު ސަރުކާރުން ވަނީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް އަލުން ޑޮކްޓަރަށް ނުދެއްކި ނަމަވެސް ކުރީގެ ބޭސް ސިޓީއަށް ބޭސް ލިބޭނެ އިންތިޒާމު އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުން ހަމަޖައްސައިފައެވެ. އަދި އޭގެ ފަހުން ސަރުކާރުން ވަނީ އެސްޓީއޯ އަދި އޭޑީކޭގެ ފާމަސީތަކުން ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދީފައެވެ.
ބޭސް ނަގަން ބޭނުންވާ މީީހުން ބޭސް ނަގަންދާން ޖެހޭނީ ބަލިމީހާގެ އައިޑީކާޑާއެކު ބޭސް ސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވެފައިނުވާ، އެންމެ ފަހުގެ ބޭސް ސިޓީ ހިފައިގެންނެވެ. އަދި އާސަންދަ ސްކީމުގެ ހިދުމަތްދޭ ބޭރު ހޮސްޕިޓަލެއްގެ ބޭސް ސިޓީއެއްނަމަ ބޭސް ނެގޭނީ ހަމަސް ވެފައިނުވާ އެންމެ ފަހުގެ ބޭސް ސިޓީ އަކަށެވެ.
މީގެ އިތުރުން ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީއަށް ބޭސް ހޯދަން ހުށަހަޅަން ޖެހޭނެއެވެ.