ކުއްލި ޚަބަރު

އިންޑިއާގައި ތިބި 155 ދިވެއްސަކަށް އާސަންދައިން 44،000 ޑޮލަރު ވަނީ ހަރަދުކުރެވިފައި: މަބްރޫކު

އިންޑިއާ ލޮކްޑައުންއާ ގުޅިގެން އެގައުމުގައި ތާށިވެފައި ތިބި 155 ދިވެހިންނަށް އާސަންދައިން 44،000 ޑޮލަރު ހަރަދު ކުރެވިފައިވާ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިިވުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށާއި އެގޮތުން އިންޑިއާގައި ތިބި 155 ދިވެހިންނަށް އާސަންދަ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"އިންޑިއާގައި ރާއްޖޭގެ އެތަށް ބަޔަކު ތިބިއިރުގައި އާސަންދަ މެދުވެރިކޮށް އަޅުގަނޑުމެންނަށް އެބައިން 155 މީހަކަށް އިންޑިއާ ލޮކްޑައުންއާ ގުޅިގެން އެހީތަކެއް ވެވިފައި. ޖުމްލަ 44،000 ޑޮލަރުގެ އެހީ އެކި ގޮތް ގޮތުން،" މަބްރޫކް ވިދާޅުވިއެވެ.

އިންޑިއާގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ޒަރޫރީ އެކި ބޭނުންތައް ބޭނުންވި 109 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ލޮޖިސްޓިކަލް ސަޕޯޓުގެ ގޮތުގައި 130 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު 32 މީހަކު އެމްބަސީގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެފައިވެއެވެ. އަދި 50 މީހަކަށް ޑޮލަރު މާރުކުރުމުގައި އެހީތެރިވެފައިވާ ކަމަށާއި 18 އާއިލާއަކަށް ކުޑަކުދިންގެ ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު 28 މީހަކަށް ބޭނުންވާ ބޭސް އެމްބަސީ މެދުވެރިކޮށް ހަމަޖައްސައިދިނުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ އެކަން ސަރުކާރުން ކުރާނެއެވެ.