ޝަހީދާ އަބްދުﷲ ސައީދު
ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ސަރުކާރުގެ ޕޮލިސީ ޒީރޯ ޓޮލަރެންސަށް ބަދަލުކުރަންޖެހޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.
ލުތުފީ ވިދާޅުވީ އޭސީސީއިން މައްސަލަތައް ތަހުގީގު ކުރާއިރު އެއްވެސް މީހަކަށް ނުވަތަ ބައެއްގެ މޫނަކަށް ނުބަލާ ކަމަށެވެ. އަދި ތަހުގީގު ކުރުމަށްފަހު ފިޔަވަޅު އެޅުމުގައި ވަކި ފަރާތަކަށް ވުމުން ތަފާތުކޮށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭސީސީއަކީ މީހުން ހިމާޔަތް ކުރާ އިދަރާއެއް ނޫން ކަމަށާއި، މައްސަލަތައް ބެލުމަށްފަހު ދައުވާކުރަންޖެހޭ ފަރާތްތަކާއި މެދު ދައުވާ ކުރުމަށް ފޮނުވާފައިވާނެ ކަމަށެވެ.
މީގެއިތުރުން ލުތުފީ ވިދާޅުވީ އޭސީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ރިޕޯޓްތައް މަޖިލީހުން ރަނގަޅަށް ނުބަލާ ކަމަށެވެ.
އަދި ގާނޫނެއް ހެދުމަށްފަހު އިދާރާއަށް މުވައްޒަފުން ހަމަޖެއްސި ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމަކީ ދައުލަތުގެ ކޮންމެ އިދާރާއެއްގެ އަދި ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.
ލުތުފީ އިތުރަށް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ސަރުކާރުން ވެސް އެފަދަ މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތަކީ އެއީ ކޮންމެ މީހެއްގެ މައްސަލައެއް ކަމަށް ވިޔަސް އަޅަން ޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ. އެނޫން ގޮތަކަށް ކޮރަޕްޝަންގެ މައްސަލަތައް ނުހުއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.