ކާފިއު އިއުލާންކޮށްފައިވާ ވަގުތުގައި ބޭރުގައި އުޅޭނަމަ މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާލޭގައި މިއަދު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގައި މަގުމައްޗަށް ނުކުތް މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އިއްޔެ އާއި މިއަދު ފުލުހުން ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް މާދަމާއިން ފެށިގެން އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިއަދު ކާފިއު އިއުލާންކޮށްފައި އޮތް ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުނު 284 މީހަކަށް ފުލުހުން ނަސޭހަތްދިން ކަމަށެވެ. ކާފިއުގެ ވަގުތުގައި އިއްޔެ މަގުމައްޗަށް ނުކުމެގެން ފުލުހުން ނަސޭހަތް ދިނީ 94 މީހަކަށެވެ.
"އިއްޔެ މާލެއިން 95 މީހުން މިއަދު 284 މީހުން. އިއްޔެ ހުޅުމާލެއިން 11 މިއަދު 67. އިއްޔެ ވިލިމާލެއިން 9 މިއަދު 25. މިދިޔަ ދެ ދުވަހު 376 މީހަކު މިވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު. މީގެ ތެރޭގައި ހިމެނެނީ 333 ދިވެހިން އަދި 43 މީހުންނަކީ ބިދޭސިން،" މަބްރޫކު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރަން ނިންމީ އިއްޔެ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. އެ ވަގުތުގައި މަގުމަތީގައި އުޅޭނަމަ ކުރާނީ 1000 ރުފިޔާގެ ޖޫރިމަނާއެކެވެ.