ކުއްލި ޚަބަރު

ކަރަންޓީން ފެސިލިޓީތަކުގައި ތިބި 49 މީހެއްގެ ޓެސްޓު ހަދައިފި، މާދަމާ ދޫކޮށްލަނީ

ކަރަންޓީން ފެސިލިޓީތަކުގައި ތިބި 49 މީހެއްގެ ޓެސްޓު ހަދާފައިވާ ކަމަށާއި ޓެސްޓު ނެގެޓިވްވާނަމަ އެމީހުން މާދަމާ ދޫކޮށްލާނެ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖެ އެނބުރި އައުމުން ކަރަންޓީން ކޮށްފައި ތިބި 49 މީހެއްގެ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން އެމީހުންގެ ޓެސްޓް މިހާރު ހަދާފައިވާ ކަމަށެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ މާދަމާ އެންމެން ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.

އެމީހުން ދޫކޮށްލުމުން މާލެ ގެންނާނެ ސަރަހައްދެއް އެމީހުންގެ އާއިލާތަކަށް އަންގާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެންގެ އިލްތިމާސަކީ އެމީހުން ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުން. އަދި އެތަން ތޮއްޖެހިފައި އޮންނަ ތަނެއްގެ ގޮތުގައި ނުބޭއްވުން،" މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން އައިސޮލޭޝަންގައި 11 މީހުން އަދި ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަ ތިބި ކަމަށް ސަރުކާރުން ބުނެއެވެ

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނާއި ހަތަރު ދިވެހިން ހިމެނެއެވެ. މި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ.

އެޗްޕީއޭއިން ބުނީ ބަލިން ރަނގަޅުވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުން ދޫކޮށްނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށާއި އޭނާގެ ފުރަތަމަ ސާމްޕަލް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނަގައި، ޓެސްޓު ހެދިއިރު ނެގެޓިވް ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނީ އަދި ދެ ހަފްތާ ފަހުން ޓެސްޓްކުރުމަށްފަހު ނެގެޓިވްވުމުން ކަމަށް އެ އެޖެންސީން ބުނެއެވެ.