ރާއްޖޭން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެ ދެމީހުންނަކީ ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް 19އަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދިޔަ ދެ މީހުން ކަމަށެވެ. އަދި އެމީހުން ދޫކޮށްލެވުނީ މިއަދު ފުރައިގެންދާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"މިއަދު މިވަނީ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުން ޑިސްޗާޖު ކުރެވިފައި. އެއީ ސޭންޑީޒް ބަތަލާގެ ކޭސް. މި ކޭސްއާ ގުޅިގެން ބަލަމުން ދިޔަ ދެ މީހުން ބަލިން ރަނގަޅުވެފައިވަނީ. އެ ދެ މީހުން ޑިސްޗާޒް ކުރެވުނީ އެމީހުން ފްލައިޓުން ފުރައިގެންދާ ގޮތަށް،" މަބްރޫކް ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެމީހުންގެ ސާމްޕަލް ފުރަތަމަ ނެގީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އަދި އޭގެ ފަހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު މިމަހުގެ އެއް ދުވަހު ހެދި ޓެސްޓުން ވެސް އެ ދެ މީހުން ވަނީ ނެގެޓިވް ވެފައެވެ. ހޮސްޕިޓަލުން އެމީހުން ދޫކޮށްލިއިރު ވެސް އެމީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނާއި ހަތަރު ދިވެހިން ހިމެނެއެވެ. މި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ.
އެޗްޕީއޭއިން ބުނީ ބަލިން ރަނގަޅުވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުން ދޫކޮށްނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށާއި އޭނާގެ ފުރަތަމަ ސާމްޕަލް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނަގައި، ޓެސްޓު ހެދިއިރު ނެގެޓިވް ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނީ އަދި ދެ ހަފްތާ ފަހުން ޓެސްޓްކުރުމަށްފަހު ނެގެޓިވްވުމުން ކަމަށް އެ އެޖެންސީން ބުނެއެވެ.