އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ސައުދީ އަރަބިއްޔާގެ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ 60 އިންސައްތަ އެގައުމުގެ ސަރުކާރުން ދިނުމަށް ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިއްޔެ ވަނީ އެގައުމުގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން 2.39 ބިލިއަން ޑޮލަރު ބެހުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައެވެ.
ސައުދީ ސަރުކާރުން ބުނީ މި ޕެކޭޖުގެ ތެރެއިން އެހީ ލިބޭނީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޮވިޑް 19 އާ ގުޅިގެން މުސާރަ ލިބުން ހުއްޓިފައިވާ މުވައްޒަފުންނަށް ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހު އެ މީހުންނަށް 9،000 ރިޔާލް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ސައުދީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަނާން ވިދާން ވިދާޅުވީ، އެ ފައިސާ މުވައްޒަފުންނަށް ދެވޭނީ އެގައުމުގެ އިންޝުއަރެންސް ނިޒާމު، (އެސްއޭއެންއައިޑީ)ގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ސައުދީގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންނަށް މިފަދަ އެހީތެރިކަމެއް ދިނުމަށް ރަސްގެފާނު ނިންމެވީތީ އެކަމަށް އަލް ޖަނާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަލް ޖަނާން ވިދާޅުވީ ސައުދީ ސަރުކާރުގެ އެ އެހީގެ ފައިދާ އެގައުމުގެ 1.2 މިލިއަން މީހުންނަށް ކުރާނެ ކަމަށާއި އެ ޕެކޭޖުގެ ތެރެއިން އެހީ ހޯދުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ މަހުން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.
ކޮވިޑް 19އަށް މިހާތަނަށް ސައުދީން 1،885 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ގައުމުން 21 މީހަކު ވަނީ މަރުވެފައެވެ.