ރާއްޖެއިން އޯޑަރުކޮށް، ނުގެނެވިފައި ހުރި ގިނަ އަދަދެއްގެ ބޭސް، ލޮކް ޑައުންގެ ސަބަބުން ގެނެވޭނެ ގޮތެއް ނެތިފައި ވަނިކޮށް، އިންޑިއާގެ އެއާފޯސް މަތިންދާބޯޓެއްގައި ގެނެސްދިނުމާއި ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އިންޑިއާއަށް ތައުރީފު ކުރައްވައިފި އެވެ.
އާދަމް ޝަރީފު އިންޑިއާއަށް ތައުރީފުކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
ކޮވިޑް 19 އާ ގުޅިގެން، އިންޑިއާ ލޮކްޑައުން ކޮށްފައި ވުމާއިގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލާފައިވާތީ އެސްޓީއޯ އިން އޯޑަރުކޮށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް ރާއްޖެ ގެނައީ އިއްޔެ އެވެ. އެ ބޭސް ތަކަކީ ރާއްޖޭން، އިންޑިއާގެ އެކި ސިޓީތަކުން އޯޑަރުކޮށްފައި ހުރި ބޭސްތަކެވެ. އެ ބޭސްތައް އިންޑިއާގެ ހަތަރު ސިޓީތަކުން ނަގައި، އެއް ތަނަކަށް ޖަމާކުރުމުގެ މަސައްކަތް ކުރީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ. އަދި އިއްޔެ އެ ބޭސް ހިފައިގެން އިންޑިއާ ސިފައިން ރާއްޖެއަށް އައީ އެ ގައުމުގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގަ އެވެ. އެބޭސްތައް ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އެސްޓީއޯގެ ވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި، އާދަމް ޝަރީފު ވަނީ މި އުނދަގޫ ހާލަތުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުން އަންނަ ގައުމީ ވާޖިބާއި ޒިންމާ ފާހަގަކުރައްވައި އެ ދެމުއައްސަސާގެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
"މި އުނދަގޫ ވަގުތުގައި، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިފަހައްޓެވުމުގެ ފުރިހަމަ ޒިންމާ އަދާކުރެއްވުމުގައި ދެމިތިއްބެވި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ސެލިއުޓް ކުރަން. އަދި ހަމަ އެހެންމެ އިންޑިއާ ލޮކްޑައުންގައި އޮތް މި ހާލަތުގައިވެސް ރާއްޖެއަށް ބޭނުންވާ ބޭސް ގެނެސްދެއްވުމުގައި ވެދެއްވި އެއްބާރުލެއްވުން ފާހަގަކޮށް އިންޑިއާ ސަރުކާރަށާއި އެގައުމުގެ އެއާފޯސްގެ ސިފައިންނަށް ވެސް ސެލިއުޓް ކުރަން." އާދަމް ޝަރީފު ވިދާޅުވި އެވެ.
އިއްޔެ އިންޑިއާއިން ގެނައި ބޭސްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އާންމު ބަލިތަކުގެ ބޭހާއި، އާތްރައިޓްސް އަދި ކެންސަރަށް ބޭނުންވާ ބޭހެވެ. މިއީ އިންޑިއާ ލޮކްޑައުނަކަށް ދިޔަފަހުން ރާއްޖެއަށް ބޭސް ގެނައި ދެވަނަ ފަހަރެވެ. ބޭހުގެ އިތުރުން ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށް ވެސް އިންޑިއާއިން ވަނީ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީފަ އެވެ.
މިދަނޑިވަޅުގައި ރާއްޖެއަށް ދަތިވިޔަ ނުދީ ބޭހާއި ކާޑުގެ ބާތްތަކުގެ އިތުރުން އެހެނިހެން ބޭނުންތަކަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ