ރާއްޖޭގައި ފަލަމަޑީގެ ބާވަތްތައް އުފެއްދުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމު ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒަހާ ވިދާޅުވީ ފަލަމަޑީގެ ބާވަތްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ ހައްދާ ބާވަތްތައް ކަމަށެވެ. އެ ބާވަތްތައް ހެއްދުމަށް ދަނޑުވެރިންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. އަދި ފަލަމަޑީގެ ބާވަތްތައް އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓާރު އެދިލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ފަލަމަޑީގެ ބާވަތްތައް ހެދުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަނޑުވެރިކަމަށް ބޭނުން ނުކުރެވި އޮޅުތައް ހަލާކުވެފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ އޮޅުތަކުގައި އަލުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސާ މުޑުވަށް އިތުރު ކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަ މަޑީގެ އިތުރުން ބަނބުކެޔޮ ފަދަ އެއްޗެހި ހެއްދުމަށްވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ބަނބުކެޔޮ ފަދަ އެއްޗެހި ހައްދާ މީހުން މަދުކަމަށް ފާހަގަ ވާ ކަމަށެވެ. އަދި ބަނބުކެޔޮ ފަދަ އެއްޗެއްސަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް މުހިއްމު އެއްޗެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެއީ ވަގުތުން ވަގުތައް އޭގެ މަންފާ ކުރާނެ އެއްޗެއް ނޫން ކަމަށް ވީނަމަވެސް، ދިގު ރާސްތާއަށް ބަލާއިރު އޭގެ މަންފާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކަށްވެސް އަދި އަލަށް އެކަން ފަށަން ބޭނުންވާ ފަރާތްތަކަށްވެސް މިނިސްޓްރީން އެހީތެރިކަން ދޭނެ ކަމަށެވެ.