ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އިލްތިމާސްކުރައްވައިފި އެވެ.
ދަނޑުވެރިކަމުގެ ދާއިރާ އާއި ގުޅިގެން ރާވާފައިވާ އެކިކަންކަމާއި ގުޅިގެން އެސްޓީއޯ އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ ކާނާގެ ޔަގީންކަން އިތުރު ކުރުމަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރުމަށް ތަފާތު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ހަލާކުވިޔަ ނުދީ ގަނެވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއާއެކު މަޝްވަރާ ކުރެވި އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތައް ހާއްސަ ވޯކްޝޮޕްތައް އެކަމަށް އެދޭ ރަށްރަށުގައި ކުރިއަށް ގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެން މިހާރުވެސް ގިނަ ދަނޑުވެރިން އެކި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެކި ބާވަތުގެ އުފެއްދުންތައް އުފައްދަމުން އަންނަ ކަމަށެވެ. މިނިސްޓަރު އެދިލެއްވީ ރަށު ފެންވަރުގައި ނަމަވެސް ކުރެވެން ހުރި މަސައްކަތްތައް ކޮށްގެން، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ. އަދި އެކަމުގައި މިނިސްޓްރީން ތިބީ ދަނޑުވެރިންނާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ދަނޑުވެރިކަމަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކޮށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ކަންކަން އަވަސް މުސްތަގުބަލެއްގައި އާންމުންނާއި ހިއްސާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.