މިއަހަރުގެ އިގްތިސާދީ ދުވެލި 5.7 ޕަސެންޓް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ގައުމީ އުފެއްދުންތެރިކަން 7.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް މިހާރުގެ ހާލަތާ ގުޅިގެން ބަޖެޓުގެ އަންދާސާތައް ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން މިއަހަރު ގައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާ ބަލާއިރު 5.7 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ލަފާކުރެވޭ ގޮތުން ގައުމީ އުފެއްދުންތެެރިކަން 5.5 އިންސައްތައަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ދަށަށް ދާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު ފަތުރުވެރިން އަންނަ މިންވަރު މިދިޔަ އަހަރާ ބަލާއިރު 50 އިންސައްތަ އާއި 37 އިންސައްތައާ ދެމެދު އަދަދަކަށް ދަށަށް ދާނެ ކަމަށާއި، އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓުން 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ދައުލަތުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ކުރިން ނިންމި ނަމަވެސް ކުރިއަށް އޮތްތަނުގައި ހަރަދު ކުޑަކޮށްގެން އެއަށްވުރެ ގިނަ ފައިސާ ސަލާމަތް ކުރަން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަނުދީ ހިންގެވުން ކަމަށެވެ. މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަސްރޫއެއް ހުއްޓާނުލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާރު ލިބިފައިވާ ކަމަށާއި ބާކީ ހުރި 100 މިލިއަން ޑޮލަރުވެސް ލިބޭނެ ކަމުގެ އުންމީދު ބޮޑުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.