ކުއްލި ޚަބަރު

ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އެލަވެންސެއް ދޭން ސަރުކާރުން ނިންމައިފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ނަމަވެސް އެފަދަ މުވައްޒަފުން ރަސްމީ ސިފައެއްގައި، ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ އެލަވެންސް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާތަނަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވަނީ 292 މީހެއް ކަމަށެވެ.

"އޭޕްރީލް މަހުން ފެށިގެން ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އަޅުގަނޑުމެން ތިން މަސް ދުވަހުގެ މުއްދަތަކަށް ސަރުކާރުން އެލަވެންސެއް ދޭނެ ގޮތަކަށް އަޅުގަނޑުމެން ނިންމާފައިވާނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ނަމަވެސް އެލަވެންސްގެ ގޮތުގައި ދޭނީ ކިހާ މިންވަރެއް ކަމެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅެއްނުވެއެވެ. ވިދާޅުވީ، އެކަމުގެ މަޝްވަރާތަކަށްފަހު އަންނަ ހަފްތާ ތެރޭގައި އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ފަތުރުވެރިން އައުން މެދުކެނޑި އޭގެ އެންމެ ނޭދެވޭ އަސަރު ކުރަމުންދަނީ ރިސޯޓްތަކަށެވެ. އެގޮތުން ގިނަ ރިސޯޓްތަކެއް ބަންދުކޮށް، އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި ބައެއް މުވައްޒަފުންގެ މުސާރަ ދަށްކޮށް އަދި ނޯޕޭއަށް ދިއުމަށް މަޖުބޫރު ކުރުވަމުންދާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.