ކުއްލި ޚަބަރު

ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލުމުގެ ވިސްނުމެއް އަދިވެސް ނުގެންގުޅެން: އަމީރު

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާލުމުގެ ވިސްނުމެއް އަދިވެސް ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓާއި 37 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށް ވާނެ ކަމަށާއި ގައުމީ އުފެއްދުންތެރިކަން ވެސް މިދިޔަ އަހަރާއި އަޅައިބަލާއިރު 5.7 ޕަސެންޓް ދަށްވާނެ ކަމަށެވެ.

މީގެ އިތުރުން މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި 30 ބިލިއަން ރުފިޔާއިން 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ހަރަދުތައް ކުޑަކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް މިހާރުގެ ހާލަތު ހުރި ގޮތުން އިތުރަށް ވެސް ހަރަދު ކުޑަކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ހިންގާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް އަދި އިނާޔަތް ވެސް ކުޑަނުކުރާނެ ކަމަށެވެ.