ކުއްލި ޚަބަރު

ބަޖެޓު 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް އަންދާޒާ ކޮށްފި

އަލީ ޔާމިން

މިއަހަރަށް ލަފާކުރި ބަޖެޓް 12 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް އަންދާޒާ ކުރެވޭ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމްރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ވެސް އިގްތިސާދީ ކާރިސާއެއް އަންނަ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ އުފެއްދުންތެރިކަން ބޮޑު ތަނުން ދަށްވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ ގުނަ މަދުވާނެ ކަމަށް މިހާރު ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ ތެރޭގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ކޮވިޑް 19އާ ގުޅިގެން އަންދާޒާކުރި ދައުލަތުގެ އާމްދަނީން މިއަހަރު 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށެވެ.

"ސަރުކާރަށް ލިބޭ އާމްދަނީން ވެސް މިހާރު ވަރަށް ބޮޑުތަނުން ދަށްވެގެން އެބަދޭ. އަޅުގަނޑުމެންގެ ބަޖެޓުގެ އަންދާޒާއަކީ ހިލޭ އެހީ އާއި ޓެކްސް ރެވެނިއު އަދި ކޮންޓެސް ރެވެނިއު ހިމަނައިގެން ބަޖެޓަށް އަޅުގަނޑުމެންނަށް ލިބޭނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ކަމަށް. މިހާރު އަޅުގަނޑުމެންގެ އަންދާޒާއަކީ ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޭގަ އޮންނާނެ ކަމަށް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް އެތެރެއިންނާއި ބޭރުގެ މާލީ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކު މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް ތައްޔާރު ކަމަށާއި މިހާރު ވެސް ސެކުއާޑް ފަންޑުތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ސަލާމަތްކުރުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް މިހާރު އެއަށްވުރެ ވެސް އިތުރަށް ދައުލަތުގެ ހަރަދުތައް ކުޑަކުރާނެ ކަމަށް ވިދާޅުވިއެވެ.