ކުއްލި ޚަބަރު

ފަތުރުވެރިން އަންނަ ނިސްބަތް މިއަހަރު 50 ޕަސެންޓާ ހަމަޔަށް ދަށަށް ދާނެ: އަމީރު

އަލީ ޔާމިން

ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވުނު ނިސްބަތް މިއަހަރު 50 ޕަސެންޓާ ހަމައަށް ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައި ނަމަވެސް ކޮވިޑް 19އާ ގުޅިގެން ފަތުރުވެރިކަން ހީނަރުވެ، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދު 50 ޕަސެންޓާ ހަމައަށް ދަށަށް ދާނެ ކަމަށެވެ.

"ޓޫރިސްޓް އެރައިވަލް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 50 އާއި 37 އިންސައްތައަށް ދަށްވުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަން ވެސް މިދިޔަ އަހަރުގެ ގައުމީ އުފެއްދުންތެރިކަމާ އަޅައިބަލާއިރު 5.7 އިންސައްތަ ނުވަތަ އެއަށްވުރެއް ވެސް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި ސަރުކާރުގެ އާމްދަނީން ވެސް 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ވެސް އިގްތިސާދީ ކާރިސާއެއް އަންނަކަން ގަބޫލު ކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދުތަކުން މިހާރު ކުޑަކުރަން ނިންމާފައިވާ އެއް ބިލިއަން ރުފިޔާއަށްވުރެއް ވެސް އިތުރަށް ހަރަދުތައް ކުޑަކުރާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.