ކުއްލި ޚަބަރު

ކޮވިޑް 19އަށް ޓެސްޓުކުރުމަށް ރައީސް ނަޝީދުގެ ސާމްޕަލް ނަގައިފި

އަލީ ޔާމިން

ކޮވިޑް 19އަށް ޓެސްޓުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސާމްޕަލް މިއަދު ނަގައިފިއެވެ.

ރައީސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނީ މަޖިލީހުގެ އިދާރާގައެވެ. ރައީސް ނަޝީދު، ކޮވިޑް 19އަށް ޓެސްޓްކޮށްފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައިވާތީއެވެ.

އަމިއްލަ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ވަޑައިގެންނެވީ މިިދިޔަ މަހުގެ 15 ވަނަ ދުވަހުގައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަވާ މަންދޫބު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާޗް މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހަށް އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް 19އަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭރު އެމަނިކުފާނު ބައްޔަށް ޓެސްޓުކޮށްފައި ނުވަނީ އެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުން ކަމަށާއި މިއަދާ ހަމައަށް އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.

ނަމަވެސް އެޗްޕީއޭއިން އަންގާ ގޮތަކަށް އަމަލުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެގޮތުން ބައްޔަށް ޓެސްޓުކުރަން ޖެހޭނަމަ ޓެސްޓުކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ މިދިޔަ މަހުގެ 14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ދިވެހިން ޓެސްޓުކުރަން އެޗްޕީއޭއިން ނިންމީ ކޮން ސައިންޓިފިކް ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކަމާމެދު ސުވާލު އުފައްދަވައިފައެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ރާއްޖެއިން ބޭރުން އަންނަ އެންމެން 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައިފައެވެ. އެގޮތަށް ކަރަންޓީނުގައި ތިބި ހަތަރު ދިވެއްސަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން އައި މީހުންނެވެ.