އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތައް ބަލައި ފާރަވެރިވުމަށް ކާރިސާ ކޮމިޓީގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ ބަހުސްގެ ތެރެއިިން އެފަދަ ކޮމިޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.
ވަހީދު ވިދާޅުވީ، މިނާޒުކު ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަަޅަމުންދޭތޯ ކަށަވަރު ކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންކަމުން މުޅި ދިވެހި ގައުމާއި، އާއިލާތައް ކޮވިޑް 19ގެ މިހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ކުރޭތޯ ބަލައި އެކަމަށް ފިޔަވަޅުތައް އަޅައިތޯ ބަލައި، އޮޅުންފިލުވައި، ސަރުކާރު ޖަވާބުދާރީ ކުރުވައި ވާގިވެރިވުމަކީ މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ލިބޭ ގެއްލުންތަކަށް އަމާޒު ކޮށްގެން ސަރުކާރުން ތައާރަފު ކޮށްފައިވާ، އިގްތިސޯދީ ޕެކޭޖަކީ ރައްޔިތުންނަށް އޮތް އުއްމީދެއް ކަމަށެވެ.
ނަމަވެސް އެ ޕެކޭޖުން ދޫކުރާ އެހީ ރައީސުލް ޖުމްހޫރިއްޔާގެ މަގުސަދާއި ހެޔޮ ނިޔަތާއި އެއްގޮތަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވާ ރައްޔިތުންނަށް ފޯރާތޯ ބަލަން ޖެހޭ ކަަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އެހީގެ ޕެކޭޖުން ވަޒީފާ ގެއްލިފައިވާ މީހުންނާއި، ޓެކްސީ ޑްރައިވަރުން ފަދަ ދުވަހު އުޖޫރަ ލިބޭ މީހުންނަށް އެހީތެރިކަން ލިބެނެ ޖެހޭނެ ކަމަށެވެ.