ސައުދީ އަރަބިއާ

ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައުދީން އެދިއްޖެ

މަރިޔަމް ޝަހުދާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން، މިއަހަރުގެ ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައުދީ އަރަބިއްޔާއިން އެދެފި އެވެ.

އަލް-ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު އެކަން އިއުލާނުކުރައްވާފައި ވަނީ މިއަދު ސައުދީގެ ގައުމީ ޓީވީގައެވެ. މީގެ ކުރިން ސައުދީން ވަނީ ކޮވިޑް 19ގެ ސަބަބުން އެގައުމަށް އުމްރާ ކުރަން މީހުން ދިޔުން ވެސް މަނާ ކޮށްފައެވެ.

ކޮވިޑް 19އިން ސައުދީގެ ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުން އެގައުމުން ވެސް ވަނީ ގިނަ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދިޔަ މަހު ފަހުކޮޅު ސައުދީން ވަނީ މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުން ކޮށްފައެވެ. މައްކާ، މަދީނާ އަދި ރިޔާދު ވެސް ލޮކްޑަައުން ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

މީގެ އިތުރުން ސައުދީގައި ވަނީ ކާފިއު ވެސް އިއުލާނު ކޮށްފައެވެ. ސައުދީގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތަކީ ރޭގަނޑު 7:00 ފެށިގެން ހެނދުނު 6:00 އާއި ހަމައަށެވެ. ނަމަވެސް މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުންކޮށް އެ ތިން ސިޓީގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތަކީ ހަވީރު 15:00 އިން ހެނދުނު 6:00 ހަމައަށެވެ.