ފުޓްބޯޅަ

ހިތުގެ މައްސަލައެއް އުޅޭތީ މިޓްރޮވިޗް ތަމްރީނުތަކާ ދުރަށް

ކުރިން ނިއުކާސަލް އަދި ފުލަމްއަށް ކުޅުނު، އަލް ހިލާލްގެ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗްގެ ހިތުގެ މައްސަލައެއް އުޅޭތީ ތަމްރީނުތައް ކުރުން ހުއްޓާލައިފިއެވެ.

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް ހިލާލަށް މޮޅަށް ކުޅެމުންދާ މިޓްރޮވިޗް، އެޓީމުން އަލް ފަހްޔާއާ ދެކޮޅަށް މިމަހުގެ ހަތްވަނަ ދުވަހު ކުޅުނު މެޗުގައި ގޯލުވެސް ޖެހިއެވެ. އެ މެޗަށްފަހު މިޓްރޮވިޗް ކުއްލިއަކަށް ހޮސްޕިޓަލަކަށް ގެންގޮސްފައިވާ އިރު، ސައުދީ ނޫސްތަކުން ބުނީ މިޓްރޮވިޗްގެ ހިތުގެ ހިނގުން ދަށްވެފައިވާ ކަމަށެވެ.

އަލް ހިލާލުން ނެރުނު ބަޔާނެއްގައި ބުނީ މިޓްރޮވިޗް މިވަގުތު ތަމްރީނުތަކުން ދުރުގައި ހުރީ ވަރުބަލިކަން ބޮޑުވެ، ހިތުގެ ވިންދު ހަމަ ނުޖެހޭތީ ކަމަށެވެ. އެ ކްލަބުން އިތުރަށް ބުނީ މިޓްރޮވިޗްގެ ހާލަތު މިހާރު ދަނީ ކައިރިން ބަލަމުން ކަމަށާއި މިވަގުތު ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ވާނުވާ ބަލަމުންދާ ކަމަށެވެ.

ސާބިއާއަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ފޯވަޑް އަލް ހިލާލާ ގުޅުނީ 2023 ވަނަ އަހަރު އޮގަސްޓް މަހުގައެވެ.

ކުރިން ފުލަމްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މިޓްރޮވިޗް ވަނީ އެ ކްލަބަށް 205 މެޗު ކުޅެ، 111 ގޯލު ޖަހައިދީފައެވެ. ފުލަމްއާ އޭނާ ގުޅުނީ 2018 ވަނަ އަހަރު ނިއުކާސަލްއިންނެވެ.