ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކާ ގާތަށް އަރައި، އެބަލީން މަރުވި މީހުންގެ އަދަދު ބައިލައްކައާ ކައިރިކޮށްފި އެވެ.
ކޮވިޑް 19ގެ ތަފާސްހިސާބުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ، ވޯލްޑްމީޓާޑޮޓްއިންފޯ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 858000 އަށްވުރެ މައްޗަށް އަރައިފަ އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 42000 އަށްވުރެ މައްޗަށް އަރައިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބަލި ޖެހި ރަނގަޅު ވި މީހުންގެ އަދަދަކީ 178000 އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދުތަކަށް ބަލާ އިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ޖުމުލަ އަދަދަކީ 638634 އެވެ. މީގެ ތެރެއިން 605736 މީހުންގެ ހާލު ގޯހެއް ނޫނެވެ. ބަލީގައި ސީރިއަސްވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 32898 އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް ޖެހުނު ޖުމުލަ މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުންނަކީ އެމެރިކާ މީހުންނެވެ. އެއީ 188578 އެވެ. ދެވަނައަށް އިޓަލީ އޮތް އިރު އެ ގައުމުން ބަލި ޖެހުނު ޖުމުލަ މީހުންގެ އަދަދީ 105792 އެވެ. ތިންވަނައިގައި އޮތް ސްޕެއިންގައި ކޮވިޑް ބަލީގެ 95923 ބަލި މީހުން ތިބި އިރު، އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާ އޮތީ ހަތަރު ވަނައިގަ އެވެ. ޗައިނާގައި މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 81518 އެވެ.
ކޮވިޑް 19 ޖެހިގެން މަރުވި މީހުންނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އިޓަލީންނެވެ. އެއީ 12428 އެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ސްޕޭނުގައި 8464 މީހުން މަރުވެފައި ވެއެވެ. ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އެމެރިކާ މިހާރު ވެފައި ވާއިރު އެ ގައުމުގައި 3890 މީހުން ވަނީ މަރުވެފަ އެވެ. ހަތަރުވަނައަށް އެންމެ ގިނަ މީހުން މަރުވި ޗައިނާގެ އަދަދަކީ 3305 އެވެ.
ފާއިތުވި ދުވަސްތަކަށް ބަލާއިރު، މި ބަލި އަލަށް ޖެހޭ މިންވަރު ބައެއް ގައުމުތަކުގައި ވަނީ ދަށަށް ދާން ފަށާފަ އެވެ. އަދި ބަލީން ރަނގަޅުވާ މީހުންގެ އިންސައްތަ ވެސް ވަނީ މަޑުމަޑުން މައްޗަށް ޖެހެން ފަށައިފަ އެވެ.
ކޮވިޑް19 އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން ދިއުމާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ވަނީ ލޮކްޑައުން ނުވަތަ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގުތިސޯދު މިއިން ޒަމާނަކުވެސް ނުވެއްޓޭވަރުގެ ފުން ވަޅުގަނޑަށް ވެއްޓި ބައެއް ވިޔަފާރިތައް ބަނގުރޫޓޫ ވެގެން ދާނެ ކަމުގެ އިންޒާރު މާހިރުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިިވް 18 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ދެމީހަކު މި ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައި ވަނީ އެ ދެމީހުން ރާއްޖޭން ފުރައިގެން ދިޔަފަހުންނެވެ. މި ބަލި ޖެހި ރާއްޖޭގައި ފަރުވާދެމުން އައި 16 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ވަނީ ބަލީން ރަނގަޅު ވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަ ތިން މީހުންނަކީ މި ބަލި ޖެހުނު ތިން ދިވެހީންނެވެ. އެ ތިން ދިވެހީންނަކީ ވެސް އިނގެރޭސިވިލާތުން ރާއްޖެއަށް އައި މީހުންނެވެ.