ކުއްލި ޚަބަރު

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަތަކާއި ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން މަނާކޮށްފި

އަލީ ޔާމިން

މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފިއެވެ.

ރާއްޖޭގައި މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމުން ގާނޫނީ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން ވަނީ ހާއްސަ އެންގުންތަކެއް އަންގައިފައެވެ. އެގޮތުން

މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން ވަނީ އަންގާފައެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ތިން ގަޑިއިރަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލޭ ސަރަހައްދުގައި ކުރިއަށްދާ އެންމެހާ އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހަވީރު 5:00އިން ފެށިގެން ހެނދުނު 6:00 އަށް ހުއްޓާލަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގާފައެވެ.

މި އެންގުންތައް ނެރެފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 18 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ތިން ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ފުރި އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްކަން އެނގުނީ އިޓަލީއަށް ދިއުމުގެ މަގުމަތީގައި ވަނިކޮށެވެ.