ކުއްލި ޚަބަރު

މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ތިން ގަޑިއިރަށް ކާފިއު ހިންގަނީ

އަލީ ޔާމިން

މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ދުއްވުން މަނާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި، މީހުން އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެ ގަޑިތަކުގައި، ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ. އަދި އެހެނިހެން ގަޑިތަކުގައިވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ، މާލޭ ސަރަހައްދަށް މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކާފިއު އިއުލާނު ކުރިނަމަވެސް ބައެއް ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވުން ހުއްދަވާނެ ކަމަށެވެ.

އިސްތިސްނާ ފަރާތްތަކާއި އުޅަނދުތައް:

  • ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ވެމްކޯގެ ޔުނީފޯމު އެޅި މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ (ޖީ ބޯޑު) ހަރުކޮށްފައިވާ އުޅަނދުފަހަރު
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު.
  • އެމްބިއުލަންސް.
  • އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް.
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްްވާ އުޅަނދުފަހަރު.
  • އެޗްޕީއޭއިން ދޫކުރާ ހާއްސަ ސްޓިކާ ޖަހައިފައިވާ އުޅަނދުތައް.