އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވީ، ރާއްޖޭގައި ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު، އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭ ގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުން ބުނީ، އަންނަ ހަފްތާގައި ވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް ނިންމި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރިގެން އެ މަސައްކަތެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރުން ވަނީ، ކޮވިޑް 19 ކޮންޓްރޯލް ކުރުމުގައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، އެކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެގޮތުން ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި ރައްޔިތުން ތަޙައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު، އެބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވިއެވެ.