ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވި ގޮތަށް ދިރާގު ކަސްޓަމަރުންނަށް އިންޓަނެޓްގެ އަގުތައް ބޮޑުތަނުން ހެޔޮކޮށްދީފިއެވެ.
ދިރާގުން ބުނީ ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ހިދުމަތް ކަމަށްވާ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، އެކުންފުނިން އަންނަނީ މިމަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުން ކަމަށެވެ.
މީގެ އިތުރުން ދިރާގުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިއަށް އޮތް ދެމަހަށް ދިނުމަށް ނިންމާފައި ކަމަށެވެ.
އެގޮތުން ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70 އިންސައްތަ އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެ ކަމަށާއި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، އެކުންފުނީގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 އިންސައްތަ އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.