ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް19އާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ، ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އެކުންފުނިން ިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުގެ މަތިން، މިއަދު ތައާރަފްކުރި އޮފާއަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައިވުމާއެކު، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމަކަށް އެކުންފުނިން އިއުލާންކުރި އޮފާއެއް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، މި އޮފާގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއް ދިނުން ކަމަށެވެ.
އެގޮތުން، ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރުމާއެކު، ފަސް ޖީބީގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެ ކަމަށެވެ. އަދި މި އެލަވަންސްއަކީ ކޮވިޑް-19އާ ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ 25 ޕަސެންޓް ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސެއް ކަމަށް ވެސް އުރީދޫން ބުނެއެވެ.
މި ހާއްސަ އޮފާ ކަސްޓަމަރުންނަށް ލިބިގެންދާނީ މާދަމާއިން ފެށިގެން ކަމަށެވެ.
އުރީދޫން ބުނީ، މި އޮފާގެ އިތުރުން އެކުންފުނިން އަގަކާ ނުލާ، ކޮވިޑް 19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އިތުބާރު ހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އެދުމާއެކު، އުރީދޫން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:
ކޮވިޑް 19އާ ގުޅިގެން އުރީދޫން ވަނީ އެކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފާ އެއް ތައާރަފްކޮށްފައެވެ.
އޭގެ އިތުރުން ބަލިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި މީޓިންތައް ވެސް ޑިޖިޓަލްކޮށް ކުރިއަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އިތުރަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބް ހާން ވިދާޅުވީ، އާއިލާތަކާއި ވިޔަފާރިތަކުން، މީގެ ކުރިން ލަފާވެސް ކުރެވިފައިނުވާ ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން ހުރިހާ ކަމެއް ހަމަޖެއްސުމުގައި އުރީދޫގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް މިކަންކަމާއި ކުރިމަތިލާ ހިނދު، އެންމެ މުހިއްމު އިސްކަމެއް ދޭނީ އެންމެ އެކަށޭނެ ހިދުމަތްތައް މެދުވެރިކޮށް ކޮވިޑް 19ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެހީތެރިވުމަށް. މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން." ނަޖީބު ހާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވަނީ މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް ނަޖީބު ހާން އެދިވަޑައިގަތެވެ.
"އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، މި ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއްކޮށްފައި. ހުރިހާ ވަގުތެއްގައި ވެސް ޔަގީންކަމާއެކު އަޅުގަނޑުމެންގެ މި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ޓީމަށް ޝުކުރު އަދާކުރަން. ރާއްޖޭގައި އުރީދޫ ގާއިމްވީއްސުރެ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބިކަމުގެ ޔަގީންކަން އަރުވަން." ނަޖީބު ހާން އިތުރަށް ވިދާޅުވިއެވެ.