ކުއްލި ޚަބަރު

އިންޓަނެޓްގެ އަގުން ލުއިތަކެއް ދިނުމަށް ރައީސް ސޯލިހު މުއާސަލާތީ ކުންފުނިތަކުގައި އެދިވަޑައިގެންފި

އަލީ ޔާމިން

އިންޓަނެޓްގެ އަގުން ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މުއާސަލާތީ ކުންފުނިތަކުގައި އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ސަރުކާރުގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތަކާއި އިންޓަނެޓުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މިކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ރައީސް ސޯލިހު ދައުވަތު އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ހުށަހެޅި ހުށަހެޅުންތައް:

  • ކޮވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަނެޓުގެ ހިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުން.
  • ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާ ނުލައި އިންޓަނެޓުގެ ހިދުމަތްތައް ފޯރުކޮށްދިނުން.
  • މި ދަނޑިވަޅުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓާ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
  • ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން.

ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އާ ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުމަށް ސަރުކާރުން ހުށަހަޅާފައިވެއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން އުންމީދުކުރަނީ އެގޮތަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަނެޓުގެ ހިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ކޮވިޑް 19 އާ ގުޅިގެން އުފެދިފައިވާ ހައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާ މުއާސަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މުއާސަލާތީ ކުންފުނިތަކަށް ސަރުކާރުން ވަނީ އަންގައިފައެވެ.

ރައީސް އޮފީހުން ބުނީ މި ދަނޑިވަޅުގައި މުއާސަލާތީ ކުންފުނިތަކުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.