ކުއްލި ޚަބަރު

14 ދުވަސް ހަމަވުމުގެ ކުރީން ނުފޭބޭތީ ސަފާރީތަކުގެ ފަޅުވެރީން ހުޅުމާލޭ ފަޅުތެރޭ އިހުތިޖާޖުކުރަނީ

1

ސަފާރީތަކުގެ ފަޅުވެރީން ހުޅުމާލޭ ފަޅުތެރޭގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒު ދާދި ދެންމެ "ވަން އޮންލައިން" އަށް ވިދާޅުވީ، އެމީހުން ބޭނުންވަނީ މި ހާލަތުގައި މި ކަނޑައަޅާފައި އޮތް މުއްދަތުތަކުގެ ބޭރުން ވެސް ރަށްރަށަށް ފައިބަން ކަމަށާއި އެހެން ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކޮވިޑްގެ ނުރައްކާ މުޅި ދުނިޔޭގައި މި އޮތީ. މިކަމުން ރައްޔިތުންގެ ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ކަނޑައަޅާފައި ހުރި މިންގަނޑުތަކެއް، އެކަންކަން ހިނގަނީ އެ އުސޫލުތަކުގެ ތެރެއިން. އެއީ އެމީހުންނާއި އެހެން މީހުންގެ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް." މަބުރޫކް ވިދާޅުވި އެވެ.

ފުލުހުންނާ ހަވާލާދެއްވައި މަބުރޫކް ވިދާޅުވީ، ސަފާރީތަކުގެ ބައެއް ފަޅުވެރީން އަދި އެނޫން މުވައްޒަފުން ވެސް ބޭނުންވަނީ އުސޫލުން ބޭރުން ބޯޓުން ފައިބަން ކަމަށެވެ. މިއީ އެންމެނަށް ވެސް އުނދަގޫ ހާލަތެއްކަން ފާހަގަކުރައްވައި މަބުރޫކް ވިދާޅުވީ، މިކަމުގައި އެދިވަޑައިގަންނަވާ ގޮތަކީ ސަފާރީތަކުން ވެސް އެއްބާރުލުން ދެއްވުން ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ހަމަޖައްސާފައިވާ ގަވައިދުތައް ބުނާ ގޮތުން، ސަފާރީތަކުން މީހުން ފޭބޭނީ އެ ސަފާރީއަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ 14 ދުވަސް ހަމަވުމުން، އެޗްޕީއޭއަށް ލިޔެ، އެތަނުން ހުއްދަ ލިބުމުންނެވެ.

ސަފާރީ ތަކުގެ ފަޅުވެރީންނާއި އެހެނިހެން މުވައްޒަފުން ޑިންގީތަކުގައި ހުޅުމާލޭ ފަޅުތެރޭގައި ތިބެގެން އިހުތިޖާޖުކުރަމުން އަންނަ އިރު، އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިހުތިޖާޖުކުރާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އިހުތިޖާޖުކުރަމުން އަންނަ ބައެއް މީހުން ތިބީ ސިއްހީ ގޮތުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ މާސްކުވެސް އަޅައިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟